
ކޮންމެ ކުއްޖަކަށް 3000 ރުފިޔާ ލިބޭގޮތަށް އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކޮށްފިއެވެ.
އެކަނިވެރި މައިންނަށް ކުރިން އެއް ކުއްޖަކު ހުރި ނަމަ 2،000ރ. އެލަވަންސްއެއް ލިބެމުން ދިޔައިރު އަދި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބިނަމަ، ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ވެސް އިތުރަށް ދިޔައީ ދެމުންނެވެ.
ނަމަވެސް އެ އެލަވަންސް ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައި އޮތްއިރު އަންނަ ޖެނުއަރީން ފެށިގެން އެލަވަންސް ބޮޑުވާނެ ކަމަށް ރައީސް މިދިޔަ އޮކްޓޫބަރު މަހު އޮތީ ވިދާޅުވެފައެވެ.
ނޭޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)އިން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ގަވައިދުގައި ބުނީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން އެކަނިވެރި މައިންނާއި ބަފައިންނަށް ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3000 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެ ކަމަށެވެ.
އަދި ހަތަރު ކުދިންނަށް ވުރެ އިތުރުނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ލިބޭނެ ކަމަށެވެ. ނަމަވެސް އެންމެ ގިނައިން ވެސް އެކަނިވެރި މައިންނާއި ބަފައިންނަށް ލިބޭނީ މަހަކު 15000 ރުފިޔާ ކަމަށް ބުނެފައިވެއެވެ.
އެންސްޕާއިން ބުނީ އެހީގެ ފައިސާ ޖަމާކުރާނީ އެހީއަށް އެދޭ ފަރާތްތަކުގެ ބޭންކު އެކައުންޓަށް ކަމަށެވެ.

