ޝަރުއީ ނިޒާމަށް ތައާރަފުކުރި އިންޓަގްރޭޑެޓް ކޭސް މެނޭޖްމަންޓް ސިސްޓަމް (އައިސީއެމްއެސް) ގެ ސަބަބުން ކޯޓުތަކުގައި މައްސަލަތައް ބަލައި ނިންމޭ ދުވެލި އަވަސްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުއްގަނީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމާ ގުޅުވާލައިގެން ހަދާފައިވާ މި ނިޒާމުން ސީދާ ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލަތައް ހުށަހަޅަން ފަސޭހަވާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެ އެވެ.
އެ ސިސްޓަމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ގަނީ ވިދާޅުވީ ޝަރުއީ އިދާރާތަކުގެ މެދުގައި ލިޔެކިއުން ބަދަލުކުރަން ދެން ފަސޭހަވާނެ ކަމަށެވެ.
އޭގެ އިތުރުން ހަސްމުންގެ ހައްގުގައި ގިނަ ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނަށް ވެސް ގިނަ ލުއިތަކެއް ލިބިގެން ގޮސް ވަކީލުންގެ ބިޒީ ޝެޑިއުލްތައް ތަރުތީބު ކުރަން ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންކަމުން މިފަދަ ނިޒާމަކުން ހުރިހާ ކޯޓުތަކެއްގެ ތަފާތު އިޖުރާއަތުތައް އެއްހަމަކުރެވި ކޯޓުގެ އިޖުރާއަތަކަކީ ފަރިތަވެލަން ވަރަށް ފަސޭހަ ހިދުމަތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
“މިއީ ކޯޓުތަކުގައި ހުރި ގިނަދުވަސްވީ މައްސަލަތައް މަދުކުރަން ލިބުނު ރަނުގެ ފުރިސަތަކެއް ކަމުގައި ބަލައި އެ އަމާޒުގައި މަސައްކަތް ކޮށްދެއްވުމަށް ހުރިހާ ފަނޑިޔާރުންނާއި ހުރިހާ މުވައްޒަފުންގެ ކިބައިން އަޅުގަނޑު އެދެން،” އަބްދުލްގަނީ ވިދާޅުވި އެވެ.