ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކ. ކާށިދޫގެ ތިން ތަނެއް ބަންދުކޮށް ދެ މީހަކު ހައްުޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ތަންތަން ބަންދުކޮށް ބަޔަކު ހައްޔަރުކުރީ ކާށިދޫގައި ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން އެ ރަށުގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި ތަންތަން ބަލައިފާސްކޮށް ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ތިން ތަނެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ކާށިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އަދި ބޭނުންކުރާކަމުގެ ތުހުމަތުގައި ދެ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާލެއިން ކާށިދޫއަށް މަސްތުވާތަކެތި އެތެރެެކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިއަދު ހައްޔަރުކޮށްފައިވަނީ:
- މާލެ / މ. ނަލަހިޔާމަންޒިލް، ހަސަން މުނާޒް (40އ)
- މާލެ / މ. ބިންއުނިމާގެ، އިބްރާހީމް ޒައިދު (46އ)
“އެ ރަށު މަގުމަތިން މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 9.27 ގުރާމެވެ.” ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.