ކެމިކަލް ރައްކާކުރަން ތިލަފުށިން 16 ގުދަނެއް ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުއްޔަށް ދޫކުރާނީ ކެމިކަލް ވެއާހައުސް އެކެއް އަދި ދޭއްގައި ހުންނަ ގުދަންތަކުން ކަމަށެވެ.
އެގޮތުުން ވެއާ ހައުސް އެކަކުން ދެ ގުދަން އަދި ވެއާހައުސް ދޭކުން 14 ގުދަން ދޫކުރާނެ އެވެ.
އެ ގުދަންތައް ކުއްޔަށް ހިފަން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ އިރު ބީލަން ހުޅުވުން ވެސް ހަމަ އެ ދުވަހު އޮންނާނެ އެވެެ.
ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން މަސައްކަތް ފެށީ 2019 ވަނަ އަހަރު ހެންވޭރު އަބަދަށްފެހިމަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ބޮޑެތި ގެއްލުންތައް ލިބުނު ހާދިސާއާ ގުޅިގެން އާންމު ދިރިއުޅޭ ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.
އެގޮތުން މާލޭގައި ކެމިކަލް ރައްކާކުރާ ގިނަ އަދަދެއްގެ ތަންތަން ދަނީ ތިލަފުށީގައި އެކަމަށް ހާއްސަކޮށްފައިވާ ގުދަންތަކަށް ބަދަލުކުރަމުންނެވެ.