
ޖެފްރީ އެޕްސްޓީންގެ ވާހަކަ މިހާރު ދެއްކިނަމަވެސް މި ޒުވާން އަންހެން ކުއްޖާ އަކީ މީގެ މާކުރިން މި ވާހަކަ އެންމެ ފުރަތަމަ ދުނިޔެ އަށް ކިޔައިދިން މީހާ އެވެ. އޭރު އޭނާއަކީ ބުރުސޫރި ރީތި ދުނިޔެއަށް މަޝްހޫރު މޫނެކެވެ. އެޕްސްޓީން ފައިލްތައް މިހާރު އާއްމުކޮށްގެން އެ ބިރުވެރި އަމަލުތަކުގެ ވާހަކަ ދުނިޔެ ދައްކާއިރު 90 ގެ އަހަރުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދި ހޮލެންންޑުގެ ސުޕަމޮޑެލް ކެރެން މުލްޑާ ވަނީ މި ވާހަކަ މާކުރިން ކިޔައިދީފަ އެވެ. އެޕްސްޓީންގެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް އާންމުވުމާ އެކު، ކެރެން މުލްޑާގެ ނަން އަނެއްކާ ވެސް ވަނީ ފެންމަތިވެފަ އެވެ.އެޕްސްޓީންގެ ރަސްމީ ފައިލްތަކުގައި ސީދާ އޭނާގެ ނަން ނެތް ނަމަވެސް، ދުނިޔޭގެ ނުފޫޒުގަދަ މީހުން ހިންގާ ޖިންސީ ގޯނާގެ ނެޓްވޯކްތަކާ ބެހޭގޮތުން އެންމެ ފުރަތަމަ އަޑުއުފުލި މުލްޑާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
މުލްޑާ ވާހަކަ ކިޔައި ދިނުން ވީ ގޮތް
މުލްޑާ މަޝްހޫރުވެގެން ދިޔައީ 1980 ގެ ފަހުކޮޅާއި 1990 ގެ އަހަރުތަކުގަ އެވެ. އޭނާ ވަނީ ވެލެންޓީނޯ، ވާސާޗޭ، އަދި ޗެނަލް ފަދަ އެންމެ އުސް ފަންތީގެ ފެޝަން ހައުސްތަކަށް މޮޑެލްކޮށްދީ، 1992 ގައި ވިކްޓޯރިއާ ސީކްރެޓްއާ އެކު މަސައްކަތް ކުރި މޮޑެލް އެކެވެ. ނަމަވެސް މުލްޑާއަކީ އެޕްސްޓީން ހިންގި ޖަރީމާގެ ޖަޒީރާ އަށް ގެންގޮސް އެތައް ބަޔަކު ރޭޕްކުރި ގިނަ މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ.
މުލްޑާ ވަނީ 2001 ވަނަ އަހަރު ފްރާންސްގެ ޓީވީ ޝޯއެއްގައި ނުފޫޒުގަދަ އެތައް ބަޔަކާއި ފުލުހުންނާއި، ސިޔާސީ މީހުން އަދި މޮޑެލިން އެޖެންސީގެ އިސްވެރިން ހިމެނޭހެން ހިންގަމުން ގެންދިޔަ ޖިންސީ ގޯނާކޮށް ރޭޕްކުމުގެ މި ވާހަކަ ކިޔައި ދީފަ އެވެ. ނަމަވެސް އެ އިންޓަވިއު ބްރޯޑްކާސްޓެއް ނުކުރެ އެވެ. އެ ވީޑިއޯތައް ޑިލީޓްކޮށްލީ އެވެ. މުލްޑާ ވާހަކަތައް ދެއްކިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އޭނާގެ އާއިލާ އިން އޭނާ ޕެރިހުގެ ނަފްސާނީ ބަލިމީހުންގެ ހޮސްޕިޓަލެއް ކަމަށްވާ “ވިލާ މޮންޓްސޫރީ” ގެންގޮސް ފަސް މަސް ދުވަހު ބާއްވާފަ އެވެ. މިކަމަށް ޚަރަދުކުރީ އެލީޓް މޮޑެލް މެނޭޖްމަންޓްގެ ކުރީގެ ސީ.އީ.އޯ ޖެރާލްޑް މާރީ އެވެ. އޭނާއަކީ ވެސް ފަހުން ޖިންސީ ގޯނާގެ ގިނަ ތުހުމަތު ތަކެއް ކުރެވުނު މީހެކެވެ. އަހަރުތަކެއް ވަންދެން މުލްޑާ ދާއިމީކޮށް ޑިޕްރެޝަނާ ހަނގުރާމަކޮށްފަ އެވެ. އަދި 2002 ވަނަ އަހަރު، ނިދާ ބޭސް ތަކެއް އޯވަޑޯޒްކޮށްގެން އަމިއްލައަށް މަރުވާން ކުރި މަސައްކަތުން އޭނާ ސަލާމަތްވި އެވެ. އޭނާ ފެނުނީ ޕެރިހުގައި ހުންނަ އޭނާގެ އެޕާޓްމަންޓް ތެރޭގައި ހޭނެތިފައި އޮއްވަ އެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުން އޭނާ ފަހުން ރަނގަޅުވި އެވެ .އެންމެ ފަހުން އޭނާ އާންމުންގެ ތެރެއިން ފެނިފައިވަނީ ވަރަށް މަދު ފަހަރަކު އެވެ. އެގޮތުން 2007 ވަނަ އަހަރު ޕެރިހުގައި ބޭއްވި ފެޝަން ޝޯއެއްގައި ބައިވެރިވި އެވެ. އޭގެ ފަހުން 2009 ގައި އޭނާ ހައްޔަރުކުރި ހާދިސާ ފިޔަވައި، އިތުރު ޚަބަރެއް މީޑިއާއަކަށް ނާދެއެވެ.
މިހާރު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަމުންދަނީ ކެރެން މުލްޑާ އަކީ “ހީރޯއެއް” ކަމަށެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އޭނާ އަކީ އެޕްސްޓީން ފަދަ ނުފޫޒުގަދަ މީހުންގެ ނުބައި އަމަލުތަކުގެ ވާހަކަ މާ ކުރިން ދެއްކި މީހެކެވެ. ނަމަވެސް އޭނާގެ އަޑު ކަނޑުވާލުމަށްޓަކައި އޭނާގެ ކެރިއަރު ހަލާކުކޮށްލައި، “މޮޔައެއް” ކަމަށް ބުނެ ބަންދުކުރީއެވެ.

