
ކުޑަ ކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 101 އެއްސަލައެއް މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ރިކޯޑްކުރެވިފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ޢާންމުކޮށްފައިވާ މަޢުލޫމާތުތައް ބުނާ ގޮތުން މި އަހަރުގެ މިހާތަނަށް ކުދިންނަށް އިޙްމާލުވެގެން 34 މައްސަލައެއް ރިފޯޓްކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ 18 މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 16 މައްސަލައެކެވެ. އަދި ޖިންސީ އަނިޔާގެ 23 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އެއީ ފިރިހެން ކުދިންނާ ގުޅުހުރި 06 މަސައްލައަކާއި އަންހެން ކުދިންނާ ގުޅުންހުރި 17 މައްސަލައެއް ކަމަށް ޢާއިލީ ކަންކަމާ ބެހޭ ވުޒާރާގެ ރިޕޯޓްތައް ބުނެއެވެ.
މީގެއިތުރުން ނަފްސާނީ އަނިޔާގެ 12 މައްސަލައަކާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 11 މައްސަލައަކާއި، އަދި ގެވެށި އަނިޔާގެ ޢަލަމެއް ކުރެވޭތަން ކުޑަ ކުއްޖަކަށް ފެނުމުގެ 04 މައްސަލައެއް ރިޕޯޓްކުރެވިފައިވެއެވެ. ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ރިޕޯޓުގައިވާ ގޮތުން އެންމެ މަދުން ރިޕޯޓުކޮށްފައި ވަނީ 3 ބާވަތެއްގެ މަސަލަތަކެކެވެ. އެއީ ބެލެކްމެއިލް ކުރުމުގެ މައްސަލަައަކާއި ގްރޫމް ކުރުމުގެ މައްސަލައަކާ އަދި ކުށަކަށް އަރައިގަތުމަށް ޖަމާޢަތުގައި ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލައެއް ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ރިޕޯޓުގައިވެއެވެ.
ފާއިތުވި އަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުޑަ ކުދިންނަށް ކުރާ އަނިޔާގެ 100 މައްސަލައެއް ވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ރިޕޯޓްކޮށްފައެވެ.

