
ނ. ކުޑަފަރިއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ކުޑަފަރި / ކެތި ، ސަހުލު މުހައްމަދު (48އ) އެވެ.
ފުލުހުން ބުނީ ސަހުލު ހައްޔަރުކުރީ ނ. މާޅެންދޫއިން ކުޑަފަރިއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޑަފަރި ޕޮލިހާއި މާޅެންދޫ ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
އެގޮތުން މި މަހުގެ 15 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ކުޑަފަރިއަށް ޑިންގީއެއްގައި އައުމުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 23 ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ސަހުލުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

