އިއްޔެ ފާހަގަކުރި ކުޑަކުދިންގެ ދުވަހާ ގުޅިގެން އުރޫދީގެ ހިދުމަތްތައް ދިނުމުގައި ކުޑަކުދިން ބައިވެރިކޮށްފި އެވެ.
އެގޮތުން އިއްޔެ “އުރީދޫ ޖޫނިއަރސް އޮން ޑިއުޓީ” ގެ ނަމުގައި ކޯލް ސެންޓަރ އެންޑް އެކްސްޕީރިއަންސް ސެންޓަރުގައި އުރީދޫގެ ފްރޮންޓްލައިން ސްޓާފުންނާއެކު ކުޑަކުދިން ހަރަކާތްތެރިވިކަމަށް އުރީދޫއިން ބުންޏެވެ.
އިއްޔެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބައިވެރިވި ކުދިން ވަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އެކި ގޮތްގޮތުން ހަރަކާތްތެރި ވެފައެވެ. އެގޮތުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް ޒިޔާރަތްކުރި ކަސްޓަމަރުންނަށް މަރުހަބާއެއް ކިޔައި، ސުވާލުތައް ހައްލުކުރުމުގައި އެހީތެރިވެދީ، ފޯނު ކޯލްތަކަށް ޖަވާބުދީ، ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ މެސެޖްތަކަށް ވެސް ޖަވާބުދިން ކަމަށް އުރޫދޫއިން ބުންޏެވެ.
“މި ހަރަކާތަކީ އަޅުގަނޑުމެންގެ ޒުވާން ބައިވެރިންނަށާއި ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބުމުގެ އިތުރުން، އަންނަން އޮތް ޖީލު ބާރުވެރިކުރުވައި، ޚިދުމަތާއި ގުޅުމުގެ ރޫހު ފާހަގަކުރުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެވޭ ހަރަކާތެކެވެ.” އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނީ އެ ކުންފުނިން މަސައްކަތްކުރަނީ ކުޑަކުދިންނާއި ޒުވާނުންގެ ވިސްނުން ތަރުބިއްޔަތުކޮށް، ހިތްވަރު ދީ، އާ ކަންކަން ދަސްކުރެވޭ ފަދަ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ކަމަށެވެ.