
ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ “ގޫގުލް ޑްރައިވް”އަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.
ހުޅެވި / ބ.ކުޑަރިކިލު, ޢަލީ ނާޖިހު އަހުމަދު (29އ) ހައްޔަރުކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ.
ނަމަވެސް ތިން ވަނަ ފަހަރު ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން އޭނާ ޝަރުތުތަކާއެކު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ. ނަމަވެސް އެ ޝަރުތުތަކުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
ނާޖިހުގެ މައްސަލަ ބަލަމުން ދަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ނެވެ. ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ ފަރާތްތަކުގެ މައްސަލަތަކަކީ، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކަންދީގެން ތަހުގީގު ކުރަމުންދާ ސީރިއަސް މައްސަލަތަކެކެވެ

