
ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީވީއެމްގެ ޕްރޮޑިއުސަރަކު މިއަދު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރިހިދޯދި / ގދ.ފިޔޯރީ، މޫސަލް މުއީން (37އ)އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ، ކުޑަކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ކުއްޖާ ގުރޫމްކޮށް އެކްސްޕްލޮއިޓްކުރުމަށް މަސައްކަތްކުރުމާއި، ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށް ގެންގުޅުމާއި ކުޑަކުދިންނާއެކު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި އޭނާގެ ބަންދަށް އިތުރު 15ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުވެސް ކޮށްފައެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންނެވެ.
ކުޑަކުދިންނާ ގުޅޭ މިފަދަ މަންޒަރުތައް ގެންގުޅުމާއި ފެތުރުން ހިމެނޭހެން، އެ ކުދިންނާ ގުޅުންހުރި އެންމެހައި ކުށުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ މައްސަލަތަކެއްކަމަށް ފުލުހުން ބުންޏެވެ.

