ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު އާންމު ކުރުމުގައި އެކަން ކުރުމަށް މަތިކޮށްފައިވާ ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓް މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އިއްޔެ ސޯޝަލް ޑިވޮލޮޕްމަންޓް މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި އެ އެއްބަސްވުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު މުހައްމަދު ސޮއިކުރެއްވި އިރު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާއިލް އަލީ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ފުރިހަމަ މަޢުލޫމާތު އިންޓަނެޓުން ފަސޭހައިން ބެލޭނެގޮތަށް ބަހައްޓަން ޖެހެ އެވެ.
މިހާރު އެ މައުލޫމާތު ޝާއިއު ކުރަމުން ގެންދަނީ، މިނިސްޓްރީއާ ގުޅިގެން ޕީޖީ އޮފީހުގެ “އާމަހި” ވެބްސައިޓުގަ އެވެ.
އެހެން ނަމަވެސް އިއްޔެ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މިނިސްޓްރީން އެ މައުލޫމާތު ހޯސްޓުކޮށް، އަޕްޑޭޓްކުރެވޭގޮތަށް ޕޯޓަލް ތަރައްގީކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕީޖީ އޮފީޙުން ބުންޏެވެ.
އެގޮތުން އެ މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރު މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ޝާއިއުކުރެވޭނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.