ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 54 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އިއްޔެ އެ ކޯޓުން ހުކުމްކޮށްފައިވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގައި އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 51 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ.
އޭނާ ބަންދުގައި ތިން އަހަރު ހުރުމުން، އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމް ކަމަށް ހުކުމުގައިވެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 3، 2022 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭކުންނެވެ.
މި މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމަައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އޮކްޓޫބަރު 18، 2022 ގަ އެވެ.