
ކުދި ވިޔަފާރިތަކަށް ލުއި އަގެއްގައި ގުދަންތައް ލިބޭނެގޮތް ވަރަށް އަވަހަށް ހައްދަވާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކުދި ވިޔަފާރިތަކަށް ގުދަންތައް އަގުބޮޑުކޮށް ،ލިބޭތީ ދިމާވާ މައްސަލަތަކާ ގުޅޭ ޝަކުވާތައް އޭގެ ވިޔަފާރީގައި އުޅޭ ފަރާތްތަކަން ދާދި ފަހުން އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދަންނަވައިފަ އެވެ.
ރައީސް އޮފީހުން މިއަދު ގެނެސްދިން “ތަރުޖަމާނާއެކު” އެޕިސޯޑުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ވިޔަފާރިވެރިންގެ ޝަކުވާތަކާ ގުޅިގެން ސަރުކާރުގެ ކަމާ ގުޅޭ އެކި ފަރާތްތަކާ މަޝްވަރާކޮށްގެން އެ މައްސަލަ ހައްލުކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން މާލެ، ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި ލުއި އަގެއްގައި ކުދި ވިޔަފާރިތަކުން ގުދަންކުރާނެ ޖާގަ ހޯއްދަވައިދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
“ވަރަށް އަވަހަށް އެކަންކުރަން މަސައްކަތް ކުރަމުން މިދަނީ” މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކަމަށްޓަކައި ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީއާއި އަދި ކުޅުދުއްފުށީގައި ނަމަ އެ ސިޓީގެ ކައުންސިލްއާއި އެމްޕީއެލްއާވެސް ވާހަކަ ދައްކަން ޖެހިދާނެ ކަމަށެވެ.
ކުދި ވިޔަފާރިތަކަށް ގުދަންތައް ބޮޑު އަގުގައި ނަގަން ޖެހުމުން ވިޔަފާރީގައި ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް އެފަދަ ވިޔަފާރިތައް ކުރާ ފަރާތްތަކުން ބުނެއެވެ. އެހެންވެ މިއީ ކުދި ވިޔާފަރިތައް ކުރިއެރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

