
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ނަގާ ކުނީގެ ފީ ކުޑަކުރަން ވެމްކޯއިން ނިންމައިފިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ނަގާ ކުނީގެ ފީ ކުޑަކުރުމަކީ ރައީސްއުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ވެމްކޯއިން މިރޭ ނެރުނު ބަޔާނުގައި ބުނީ، ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ނަގާ ކުނީގެ ފީ ކުޑަކުރަން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އަދި ފީ ކުޑަކުރުމުގެ ގޮތުން ވަކި ބޭންޑުތަކެއް ތައާރަފްކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް ވެސް ވެމްކޯއިން ބުންޏެވެ.
ހަމައެހެންމެ، އެ މަޝްވަރާތަކަށް ފަހު ކަނޑައެޅޭ ބޭންޑުތައް ވެމްކޯއިން ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރާނެ ކަމަށް އެ ކޯޕަރޭޝަންއިން ބުންޏެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މި ދުވަސް ވަރު މާލީ ގޮތުން ވަރަށް ބޮޑަށް އަޑިއަޅާފައިވާ އިރު ވެމްކޯއިން ކުނި ނަގަން ޗާޖުކުރާ ފީގެ ސަބަބުން ގެއްލުންތައް ވަމުންދާކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ.

