ރާއްޖެއިން ކުވެއިތަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު އަހުމަދު ސަރީރު, ސަފީރު ކަމުގެ ފަތްކޮޅު ކުވެއިތުގެ ހާރިޖީ ވަޒީރު އަބްދުالله އަލީ އަބްދުﷲ އަލް – ޔަހްޔާ އަށް މިއަދު އަރުވައިފި އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުގެ މެންދުރު ކުވެއިތުގެ ފޮރިން މިނިސްޓްރީގަަ އެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ކުވެއިތުގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ސަރީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ކުވެއިތުގެ ލީޑަޝިޕަށާއި، ކުވެއިތު ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ.
އަދި ރާއްޖެ އާ ކުވެއިތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ރިޔާއަށްކުރައްވާ، ތަރައްގީގެ ތަފާތު މަޝްރޫައުތަކަށް ކުވެއިތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު ވެސް ވަނީ އަދާ ކުރައްވާފައެވެ. އަދި ރާއްޖެއާއި ކުވެއިތާއި ދެމެދު އޮތް ގުޅުން އެމަނިކުފާނުގެ ސަފީރުކަމުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީން ކަން ސަފީރު އެރުވިއެވެ.
ކުވެއިތުގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ސަފީރުކަމުގެ އައު ދައުރު ފެއްޓެވުމާއި ގުޅިގެން ސަފީރު ސަރީރު އަށް މަރުހަބާ ވިދާޅުވިއެވެ. އަދި ރާއްޖެއިން ކުވެއިތަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވި އެވެ.
ސަރީރަކީ ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސްމެ އެވެ.