ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސާޖިދާ ވިދާޅުވީ، ދުނިޔޭގެ ކަންކޮޅުތަކުގައި އެކި ކާރިސާތަކާއި ހަނގުރާމަތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށެވެ.
މިފަދަ ނާޒުކު ހާލަތްތަކުގައި އަބަދުވެސް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވަނީ ކުޑަކުދިންނާއި އަންހެނުންނަށް ކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިހްތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ އިންސާނީ ހައްގެއް ކަމަށް، ސިއްހީ ދާއިރާގެ ތައުލީމާއި ތަޖުރިބާ ވެސް ހުންނެވި ސާޖިދާ ވިދާޅުވިއެވެ.
އެކަމަނާގެ ޕޯސްޓް ނިންމަވާލެއްވީ، ކުއްލި ހާލަތްތަކަށް އިޖާބަ ދިނުމުގައި ފަރުވާ ދިނުމަށާއި، ކުލުނުވެރިކަން އިސްކުރުމުގެ އިތުރަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އިސްކަން ދިނުމަށް ގޮވާލައްވަމުންނެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ ކޮންމެ އަހަރެއް ވެސް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހެވެ.
މި ދުވަސް ފާހަގަކުރަނީ ނަފްސާނީ ދުޅަހެޔޮ ކަމަށް، ހޭލުންތެރި އަދި އަހުލުވެރި މުޖްތަމައުއެއް ބިނާކޮށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކާލާތު ކުރުމަށެވެ. މި އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރު ބިނާވެފައިވަނީ ކުއްލި ހާލަތްތަކުގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.