ކުޅުދުއްފުށީ ސިޓީގައި 2000 ހައުސިން ޔުނިޓު އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކޮށްފި އެވެ.
މި މަޝްރޫޢުގެ އިތުރުން، ކުޅުދުއްފުށީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓުގެ މަސައްކަތް ވެސް އެޗްޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރުއެވެ.
މިމަޝްރޫޢާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ 2،000 ހައުސިން ޔުނިޓުގެ ތެރެއިން 700 ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވަނީ އަމިއްލަ ގޯތި އޮވެ، އެ ގޯތީގައި އޭގެން ޔުނިޓެއް އަޅަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ކަމަށެވެ. އަދި ބާކީ 1300 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދާނީ ޕަބްލިކް ހައުސިންގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހައުސިން ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އެކަމަކަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އެގޮތަށް އަމިއްލަ ގޯތީގައި ގެދޮރު އެޅުމުން ބޭންކުން ލޯނު ނަގައިގެން ގެ ހަދަން އުޅެ އެކަން ނުކުރެވި ތިބި މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.