
ހދ. ކުޅުދުއްފުށީގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އެރަށު ސްކޫލުގެ ގްރޭޑް 10ގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ، އެރަށު ލަތީފީމަންޒިލް، ޝަޒްފާ އަބްދުالله އިބްރާހިމްއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޝަޒްފާ ނިޔާވިކަން އެނގުނީ ފަތިހު ނުހޭލައިގެން އާއިލާގެ މެންބަރަކު ގޮވަން ދިއުމުންނެވެ. ރޭ ނިދީވެސް ބޮލުގައި ރިއްސާތީ ބޭސް ކައިގެންނެވެ. އެފަހުން ޝަޒްފާގެ ހަބަރެއް ނުވެއެވެ.
މި ހާދިސާއާ ގުޅޭ ގޮތުން އެރަށު ހޮސްޕިޓަލުގެ ބަހެއް ނުލިބެއެވެ. ނަމަވެސް މައުލޫމާތު ދިން މީހާ ބުނީ ޝަޒްފާ ނިޔާވި ސަބަބު ނޭންގުނަކަށް އެއީ ކުއްލި މަރެއް ކަމަށެވެ.
ޝަޒްފާއަކީ އޭނާގެ މައިންބަފައިންނަށް ލިބުނު އެންމެ ކުއްޖެކެވެ. އޭނާގެ ޖަނާޒާ އޮތީ މިއަދު އަސުރު ނަމާދަށްފަހު އެވެ.

