
ކުރީގެ އަރަބިއްޔާ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މާލެ ތޮއްޖެހުން ކުޑަކުރުމާއި ދިރިއުޅުމަށް ހިތްފަސޭހަ މާޙައުލެއް މާލެ ރައްޔިތުންނަށް ހޯދައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެއްކަމަށެވެ. އަދި އެ ސަހަރަހައްދަކީ މީހުން ތޮއްޖެހުމާއި ޓްރެފިކް ބާރު ބޮޑު ހިސާބެއް ކަމުން، އެ ސަރަހައްދުގައި ޕާކިންގ ޒޯންއަކާއި ޕާކެއް ތަރައްޤީ ކުރުމަށް ނިންމާފައިވާކަމަށާއި ދޮޅުމަހެއްހާ ދުވަސް ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށް ވަޒީރު ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، އެ ސަރަހައްދަކީ ސްކޫލްތައް ގިނަ ހިސާބަކަށްވާތީ، ދަރިވަރުންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނަވާކަމަށާއި ކުރިއަށް އޮތީ ދަރިވަރުންގެ އިމްތިހާނު ދުވަސްވަރަށްވުމާއެކު މަގުމަތީގެ ހަލަބޮލިކަމަށް ވެސް ބަލައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.
“ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ބޭނުންވޭ މިތަން އެއްކޮށް ސާފުކުރުމަށް ފަހު، ހިތްފަސޭހަ ޕާކަކާއި ޕާކިން ޒޯނެއް ތަރައްޤީކުރުން. މަސައްކަތުގެ ސްޕީޑް ވަރަށް ބާރުވާނެ. އަޅުގަނޑުމެން ވިސްނާނެ ކުދިންގެ ކިޔެވުމަށް. އާންމުންގެ ދަތިކަމަށް.” ވަޒީރު ޝަރީފް ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލް ބައުވެ ދަރިވަރުންނަށް ރައްކާތެރިކަން ނެތުމުން، އަރަބިއްޔާގެ ދަރިވަރުން ވަނީ ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި އިމާރާތަށް ބަދަލުކުރެވިފައެވެ. އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ސަރުކާރު ވަނީ މިހާރު ފަށާފައެވެ.

