ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވުމަށް މިފަހުން މަގާމުން އިސްތިއުފާ ދެއްވި އަލީ ޝުޖާއު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ.
ޝުޖާއު ފުލުހުންގެ ހިދުމަތާއި ގުޅިވަޑައިގެންފައި ވަނީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތުމުގެ ކުރިން ދިވެހި ސަރުކާރަށް އަށް އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވެ އެވެ.
ފުލުހުންގެ ހިދުމަތުގެ ރޭންކުތަކުގެ ތެރެއިން ކޮމިޝަންޑް ރޭންކަށް ޝުޖާއު އިސްކޮށްފައި ވަނީ 2008 ވަނަ އަހަރު އެވެ. އެއަށްފަހު ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ފުލުހުންގެ ހިދުމަތުގެ ތެރޭގައި ލީޑަޝިޕް އަދި މެނޭޖްމަންޓް މަގާމުތައް ފުރުއްވާފައިވެ އެވެ. އޭގެ އިތުރުން ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ޕްރޮފެޝަނަލް ފޯރަމްތަކެއްގައި ދިވެހި ސަރުކާރާއި ފުލުހުންގެ ހިދުމަތް ވަނީ ތަމްސީލު ކުރައްވާފަ އެވެ.
ކޮމިޝަނަ އޮފް ޕޮލިސްގެ މަގާމަށް ޝުޖާއު އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ މަގާމުގެ އިތުރުން ފުލުހުންގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް އަދި އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ، މާލޭގެ އެންމެ އިސް ފަރާތުގެ ދައުރު ވެސް އޭނާ އަދާކުރެއްވި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ އިސްތިއުފާ ދެއްވީ މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ އާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު، ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު ކުރަމުންދާ މުޒާހަރާތަކުގައި އޭނާގެ އިސްތިއުފާއަށް ވެސް ގޮވާލި އެވެ.
އިސްތިއުފާ ދެއްވުމަށް ފަހުގައި ކުރީގެ ކޮމިޝަނަރު ޝުޖާއު ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާފައިވާކަން “ދެން” އަށް ވަނީ ކަށަވަރުވެފަ އެވެ.
ތައުލީމާއި ތަމްރީނުގެ ރޮނގުން ޝުޖާއު ވަނީ މެލޭޝިއާއިން މެނޭޖްމަންޓުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ. އަދި އިންޑިއާއިން ހިސާބު، ފިޒިކްސް އަދި ކެމިސްޓްރީގެ ދާއިރާއިން ބެޗްލަ އޮފް ސައިންސް ޑިގްރީ ހާސިލުކުރައްވާފައިވެ އެވެ.
ޝުޖާއު ވަނީ ފުލުހުންގެ އެކި ދާއިރާތަކާ ގުޅުންހުރި ތަފާތު އެކި ޕްރޮގްރާމުތައް ފުރިހަމަ ކުރައްވައި، އެކި ގައުމުތަކުން ޕްރޮފެޝަނަލް ސެޓްފިކެޓްތައް ހާސިލުކުރައްވާފަ އެވެ. އެގޮތުން ފުރިހަމަ ކުރައްވާފައިވާ ޕްރޮގްރާމްތަކާއި ތަމްރީނުތަކުގެ ތެރޭގައި:
- 2006 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ހައިދަރުއާބާދުގެ ސަރްދާރު ވައްލަބައީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީގައި ހިންގި އިންޑިއަން ޕޮލިސް ސާވިސް ޕްރޮބޭޝަނަސް ކޯސް
- 2010 ވަނަ އަހަރު އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އެންޑް އާރްއެމްއައިޓީން ވިއެޓްނާމުގައި ހިންގި އޭޝިއާ ރީޖަނަލް ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމް
- 2014 ވަނަ އަހަރު އެމެރިކާގެ ހަވާއީގައި ހިންގި އޭޝިއާ ޕެސިފިކް ސެންޓަ ފޯ ސެކިއުރިޓީ ސްޓަޑީޒްއިން އެޑްވާންސްޑް ސެކިއުރިޓީ ކޯޕަރޭޝަން ޕްރޮގްރާމް
- 2016 ވަނަ އަހަރު މެލޭޝިއާގެ ކުއަލަލަމްޕޫރުގެ ރޯޔަލް މެލޭޝިއާ ޕޮލިސް ކޮލެޖުން ހިންގި 42 ވަނަ އިންޓަނޭޝަނަލް ސީނިއަ ޕޮލިސް އޮފިސަސް ކޮމާންޑް ކޯސް
- 2019 ވަނަ އަހަރު އެމެރިކާގެ ކުއަންޓިކޯގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް ނޭޝަނަލް އެކަޑަމީގެ 277 ވަނަ ސެޝަން
ކޮމިޝަނަރުކަމުން ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ޒިންމާ ވަގުތީ ގޮތުން ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާ އެވެ. އެހެންނަމަވެސް ގަޑިއިރެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން ވަނީ އައްޔަންކޮށްފަ އެވެ.
އެގޮތަށް ނިންމެވީ ފުލުހުން މިވަގުތު އެންމެ އިސްކަންދީގެން ކުރިއަށް ގެންދާ މަސައްކަތަކީ ފުރާޅުން ވެއްޓުނު ޒުވާނާގެ މައްސަލައިގެ ތަހުގީގުގެ މަސައްކަތަށްވެފައި އެ ތަހުގީގުގެ ކަންކަމާ އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ނަވީން ކަމަށް ވާތީ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފަ އެވެ.