ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފި އެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި ރައީސް މުއިއްޒު ވިދާޅުވީ ކުޑަކުދިންގެ މިޖާޒުގައި ހުންނާނީ ނިޔަނެތިކަމާއި ސާފުސީދާކަން ކަމަށެވެ. ބޮޑެތި މީހުންނާމެދު އެކުދިން ދެކޭނީ، ބެލެނިވެރިއެއް، މުރުޝިދެއް، މަދަދުގާރެއްގެ ނަޒަރުން ކަމަށާއި އެ ކުދިންގެ މައުސޫމުކަން އަބަދުވެސް ޖާގަދޭނީ، ދޮށީ މީހުންގެ ބަސް އެހުމަށް ކަމަށެވެ.
މިއަދު އަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށް
ގޭތެރެއާއި، މަގުމައްޗާއި، މިނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދަބު އަހްލާގުން ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ދެއްކުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ކުޑަކުދިންނަށް ދެއްވި ނަސޭހަތަކީ، އުމުރުގެ އެންމެ އަގުހުރި ދުވަސްތައްކަން ހަނދާން ބެހެއްޓުމެވެ. ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމަށާއި، އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން އަޒުމު ކަނޑައެޅުމަށެވެ.
ބަރާބަރަށް ފަސްނަމާދު ކުރުމާއި، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމަށްވެސް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަމެވެ. ހިތްތަކުގެ ހަމަޖެހުމެވެ. ގައުމުގެ ދެމިއޮތުމެވެ. ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަމެވެ
ވަގުތު ބޭކާރު ނުކުރުމަށާއި ސިއްހީ އާދަތަކުގައި ހިފުމުގެ އިތުރުން ބަސްއަހާ ކިޔަމަންތެރި ކުދިބަޔެއްގެ ގޮތުގައި ދެމިތިބުމަށް ރައީސް ވިދާޅުވި އެވެ.