
ކުރިއަށް އޮތް 5 ދުވަސް ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިދުވަސްވަރު ވައި ނުސާފުވެފައި ވަނީ ރާއްޖެއަށް އިރުވައި މޫސުން ފެށުމުގެ ސަބަބުން ކަމަށެވެ. ހާއްސަ ގޮތެއްގައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވައި ނުސާފުކަން ފާހަގަކޮށްފައިވެއެވެ.
ވޭތުވެދިޔަ 7 ދުވަހަށް ބަލާއިރު، އޭގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށްވުރެ ދަށްވެފައިވާ ކަމަށް މެޓުން ފާހަގަކުރިއެވެ.
މެޓުން ބުނީ ކުރިއަށް އޮތް 5 ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާ އެކު، ރާއްޖެ މަތީގައި ވައިނުސާފުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި، ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

