
ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ޤާނޫނު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް، ކުނި ނައްތާލުމުގެ ނިޒާމު ހަރުދަނާކުރުމަށް އައު ތިން ޤަވާއިދެއް ދެ މަސްތެރޭގައި ތަންފީޒުކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙީމް އިޢުލާނުކުރައްވައިފިއެވެ.
މި އުސޫލުތައް އެކުލަވާލުމުގެ އެންމެ ފަހުގެ މަރުޙަލާތައް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މީގެ ތެރޭގައި ހިމެނެނީ ކުނި ނައްތާލުމާ ގުޅޭ ޢާންމު މިންގަނޑުތަކާއި، ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅޭ ޚާއްޞަ އުސޫލުތަކުގެ އިތުރުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ބާވަތްތައް ކޮންޓްރޯލްކުރުމަށް ހެދޭ ޤަވާއިދެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ އެކު ބާއްވަންޖެހޭ މަޝްވަރާތަކާއި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން މިހާރު ނިމުމަކަށް އައިސްފައިވާކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
އުފައްދާ ތަކެތީގެ ސަބަބުން އުފެދޭ ކުންޏާމެދު އެތަކެތި އުފައްދާ ފަރާތްތަކުން ޒިންމާ އުފުލުމަށް ލާޒިމުކުރާ “އެކްސްޓެންޑެޓް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ”ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ގޮނޑުދޮށްތަކާއި ޢާންމު ތަންތަނަށް ކުނިއަޅާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅައި ޖޫރިމަނާކުރެވޭނެކަމުގެ އިންޒާރު ދެއްވަމުން، ޠާރިޤް ވިދާޅުވީ މީގެ އަސްލު ބޭނުމަކީ ރައްޔިތުން ޒިންމާދާރުކުރުވުން ކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދާއި ޢާންމު ސާފުތާހިރުކަން ވަރަށް ބޮޑަށް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮންމެ ފަރުދަކީ ވެސް ތިމާ އުފައްދާ ކުންޏާމެދު ޖަވާބުދާރީވާންޖެހޭނެ މީހެއްކަން ހަނދާންކޮށްދެއްވަމުން، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ އާދަތަކަށް އާންމުން ހޭލުންތެރިކުރުމަށް މިހާތަނަށް ވެސް ގިނަގުނަ ކެމްޕޭންތަކެއް ހިންގިފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

