ކާރިސާތަަކަށް ތައްޔާރުވެ ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދޭން ހާއްސަ ވެބްސައިޓެއް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އިފްތިތާހުކޮށްފި އެވެ.
ޔޫއެންޑީޕީއާ ގުޅިގެން “ހުޝިޔާރު“ގެ ނަމުގައި ތައާރަފްކުރި އެ ވެބްސައިޓުން ފަސް ބަހަކުން މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި ދިވެހި، އިނގިރޭސި، ބަންގުލާ، ހިންދީ އަދި ސިންހަޅަ ހިމެނެ އެވެ.
އެންޑީއެމްއޭއިން ބުނީ އެ ވެބްސައިޓު މެދުވެރިކޮށް ކާރިސާތަކާ ބެހޭ މައުލޫމާތު މުޖުތަމައުއަށް ފޯރުކޮށްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެ ގިނަ ބަސްތަކަކުން އިންޒާރު ގެ މެސެޖް ފޯރުކޮށް އަދި އަމަލީ ގޮތުން އަޅާނެ ފިޔަވަޅު ތަކުގެ މައުލޫމާތު ވެސް ފޯރުކޮށްދޭނެ ކަމަށެވެ.
“މި ޕްލެޓްފޯމުން އަރައްކާތަކާއި ގުޅޭ އިރުޝާދުތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ޑައުންލޯޑްކުރެވޭ ޕޯސްޓަރުތަކާއި، ތައުލީމީ ދާއިރާއަށް ބޭނުންވާ ފަންނީ މައުލޫމާތު ލިބެން ހުންނާނެއެވެ. އަދި މި ޕްލެޓްފޯމް 5 ބަހަކުން ބޭނުން ކުރެވޭނެއެވެ. މި ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ.” އެންޑީއެމްއޭއިން ބުންޏެވެ.
“ރާއްޖޭގެ ކާރިސާ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު 2024-2030” ގައި “އިޖާބަދިނުމަށް މުޖުތަމައު ބާރުވެރިކުރުވުން” ހިމެނޭ އިރު ހުށިޔާރު ނަމުގައި އިފްތިތާހުކުރި ވެބްސައިޓަކީ އެ މުހިންމު އަމާޒަށް ވާސިލް ވުމަށް ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ފަހަކަށް އައިސް ވިއްސާރަވެ ފެންބޮޑުވުން ފަދަ ހާދިސާތަކާ ގުޅިގެން ލިބޭ ގެއްލުންތައް ދަނީ އިތުރުވަމުން ނެވެ.