މޯލްޑިވްސް ކަސްޓަމްސް ސާވީސް އަށް 164 މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
ކަސްޓަމްސް އިން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން ހޯދަނީ އެސިސްޓެންސް ކަސްޓަމްސް އޮފިސަރުންނެވެ.
އެ ވަޒީފާގެ މަހު މުސާރައަކަށް 5000ރ އަދި އިތުރު އިނާޔަތްތައް ލިބޭނެ އެވެ.
އެއީ:
- ނޮން-ޕްރެކްޓިސިން އެލަވަންސް: އަސާސީ މުސާރައިގެ %35 (1750ރ)
- ސާވިސް އެލަވަންސް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200ރ
- ކޮއްތުފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60ރ
- ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް މިނިމަމް ވޭޖް އެލަވަންސް
- ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް
މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި 2 މާއްދާއިން ދަށްވެގެން ”ޑީ” ފާސް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން ”ސީ” ފާސް ލިބިފައިވުން ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވުން ހިމެނެ އެވެ.
އެ މަގާމަށް އެދި މި މޭމަހުގެ 14:00 ގެ ކުރިން ކަސްޓަމްސްގެ ވެބްސައިޓްގައިވާ “ރެކްރޫޓްމެންޓް ޕޯޓަލް” މެދުވެރިކޮށެވެ.
ކަސްޓަމުން ބުނީ މަގާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރަށް ބަލައި، މަގާމުތަކަށް މީހުން ހޮވުމަށްޓަކައި ބޭއްވޭ ފިޒިކަލް ފިޓްނަސް ޓެސްޓަށް ޝަރުތުހަމަވާ ފަރާތްތަކަށް އަދި އެއަށްފަހު އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މައުލޫމާތު ކަސްޓަމްސްގެ ވެބްސައިޓް ގައި ޝާއިއުކުރެވި އަދި އެކަން އެންގުމަށްޓަކައި ގެޒެޓްގައި އާއްމުކޮށް އިއުލާން ކުރެވޭނެ ކަމަށެވެ.