
އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބަށް އާންމުން ހޭލުންތެރިކުރަން ޓިކްޓޮކް މުބާރާތެއް ބޭއްވުމަށް ނިންމައި އެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަދި އެކި މީހުން ހިމެނޭ ޓީމެއް ގޮތަށް ހުޅުވާލި އެ މުބާރާތުގެ އެއްވަނަ ހާސިލްކުރާ ޓީމަށް ލިބެނީ 5،000 ރުފިޔާ އެވެ. ދެވަނައަށްދާ ޓީމަށް 3،000 ރުފިޔާ އެވެ. ތިންވަނަ ހޯދާ ޓީމަށް 2،000 ރުފިޔާ އެވެ.
މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.
އެ މުބާރާތުގެ ގަވާއިދުގައި އޮންނަ ގޮތުން ވީޑިއޯ ތައްޔާރުކުރުމަށް ދެވޭ މައުލޫތަކަކީ:
- ވޯޓު ލުމަށް ބޭނުންކުރާ ރަސްމީ ލިއުންތައް
- އިންތިހާބެއްގެ ތެރޭގައި ކޮށްގެން ނުވާނެ ކަންކަން
- ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލުމުގެ މުހިންމު ކަން
- އިންތިހާބާ ގުޅޭ ގޮތުން ފަތުރާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމުގެ މުހިންމު ކަން
މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ތައްޔާރުކުރެވޭނީ ކޮންމެ މައުލޫއަކަށް މަދުވެގެން އެއް ވީޑިއޯ އެވެ. ބޭނުންވާނަމަ ކޮންމެ ވެސް އެއް މައުލޫތަކަށް ވެސް ވީޑިއޯ ހެދިދާނެ އެވެ.
ވީޑިއޯގެ ދިގުމިން ހުންނަން ޖެހޭނީ 30 ސިކުންތާއި 90 ސިކުންތު (1 މިނެޓާއި 30 ސިކުންތު) އާ ދެމެދުގަ އެވެ.
މުބާރާތަށް ތައްޔާރުކުރާ ވީޑިއޯއެއް ވަކި ސިޔާސީ ކޮޅަކަށް ބުރަވެގެން ނުވާނެ ކަމަށް އީސީން ބުންޏެވެ. ނަފްރަތު އުފެއްދުމުގެ އެއްވެސް ކަމެއް ވެސް ހިމެނިގެން ނުވާނެ ކަމަށް ބުންޏެވެ. އަދި އިސްލާމް ދީނުގެ ހަމަތަކާ ހިލާފު، އާންމު އަހުލާގީ މިންގަނޑަށް ނުފެތޭ ބަހާއި މަންޒަރު ހުރެގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.

