ލޯކަލް ކައުންސިލަކަށް ދަތިކުރުމުން ވާނެ ގޮތް މާލޭ މޭޔަރުގެ ހައިސިއްޔަތުން ތަޖުރިބާ ކުރެވުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީގެ ފުލް މެޖޯރިޓީ އޮންނަ ކުޅުދުއްފުށި ސިޓީ ކައުންސިލްއާއެކު އެ ސިޓީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެއްވެސް ކައުންސިލަކަށް ދަތިވާނެ ކަމަށް މި ސަރުކާރުން ނުކުރާނެ ކަމަށެވެ.
މި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ވެސް ކައުންސިލްތަކަށް ދަތިވާނެ ގޮތަށް ގެނެސްފައި ހުރި އިސްލާހުތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
ކައުންސިލުން ފާސްކޮށްފައިވާ ފަސް އަހަރުގެ ޕްލޭންގައި ހިމެނޭ ކަމެއް ނަމަ ސަރުކާރުން އެ ކަމަށް ހުއްދަ ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ބޭރުން ނަމަ ސަރުކާރުން އެ ކަމެއް ބަލާނެ ކަމަށާއި ނަމަވެސް ކޮންމެހެން ކުރަން ޖެހޭ ކަންކަމަށް ވެސް ހުއްދަ ދޭނެ ކަމަށެވެ.
ރައީސް މިހެން ވިދާޅުވީ ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު ކޮންޓްރެކްޓަށް ވަޒީފާ ދޫކުރުމާއި ކުއްޔަށް ބިން ދޫކުރުން ފަދަ އާ މާލީ މުއާމަލާތެއް ސަރުކާރުގެ ހުއްދަ ނެތި ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައި ވާތީ ބައެއް ކައުންސިލްތަކުން ނުރުހުން ފާޅުކުރާތީ އެވެ.
އެމަނިކުފާނު ދެން އިޝާރާތް ކުރެއްވީ ކުރީގެ ސަރުކާރުގެ ދުވަސްވަރު މާލެ ސިޓީ ކައުންސިލަށް ކުރިމަތިކުރުވި ބައެއް ހުރަސްތަކެވެ. މާލެ ސިޓީ ކައުންސިލަށް ކުންފުނި ހަދަން ހުއްދަ ނުދީ ހިފަހައްޓާފައި އޮތް ކަމާއި ލޭންޑް ޔޫސް ޕްލޭން ވެސް މިނިސްޓްރީން ފާސްނުކޮށް ހިފަހައްޓާފައި ބޭއްވި ކަން ހަނދާން ކުރެއްވި އެވެ.
“މާލެ ސިޓީގެ މޭޔަރަކަށް ހުރި އިރު ކަންކަން ދިމާވި ގޮތް ހަނދާނުގައި އެބަހުރި އަދިވެސް. އޭރުގެ ސަރުކާރުން އަޅުގަނޑު މާލޭގެ މޭޔަރަކަށް ހުރި އިރު މާލޭގައި ކުރުމުގެ ފުރުސަތެއް ނުދޭ އަޅުގަނޑަކަށް,” ރައީސް ވިދާޅުވި އެވެ.
“ލާމަރުކަޒީ ނިޒާމު އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. ކައުންސިލަކަށް ދަތިވާނެ ކަމެއް ނުކުރާނެ,”
އެހެންކަމުން ކައުންސިލްތައް ޒިންމާދާރުކޮށް، އަދި މާލީ ގޮތުން ބާރުވެރިކަން ވެސް ދީގެން ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކޮށްދޭނޭ ކަމަށް ވެވަޑައިގެންފައިވާ ވައުދު މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.