ކައުންސިލަރުންގެ އަދަދު ކުޑަކުރަން މަޖިލީހުން ދެކޭގޮތް ބަލަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މަޖިލީހަށް މިއަދު ހުށަހެޅުއްވި ގަރާރުގައި ކައުންސިލަރުން މާ ގިނަ ފާހަގަކުރައްވައި އެކަމުގައި ހުރި މައްސަލަތަކާއި ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ކުރެވިދާނެ ކަންކަން ފާހަގަކުރައްވާފައި ވެއެވެ.
ޝުޖާއު ވިދާޅުވީ ބޮޑެތި ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބަވާ ކައުންސިލަރުންނޭ އެއްގޮތަށް ކުރާނެ މާބޮޑު މަސައްކަތެއް ނެތް ރަށްރަށުގެ ކައުންސިލަރުންގެ މުސާރަވެސް އެއްވަރު ކަމަށެވެ
ހަމަ އެހެންމެ ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ބޮޑު އަދަދެއް ހޭދަކުރާއިރު އެއީ ހަމަ ކުރަން ޖެހޭ ހަރަދެއްތޯވެސް ގަރާރުގައި އަހާފައި ވެއެވެ.
އެހެންވެ ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ ފުލްޓައިމް ކައުންސިލަރުންގެ އަދަދު އެކެއް ނޫނީ ދޭކަށް މަދުކޮށް ދެން ތިބޭ ކައުންސިލަރުންނަށް ސިޓިން އެލަވަންސްއެއް ލިބޭ ގޮތަށް ހެދުމަށެވެ.
އޭރުން ހަރަދުތައް އެތައް ގުނައަކުން ކުޑަކުރެވިދާނެ ކަމަށް ވެސް ގަރާރުގައި ބުންޏެވެ.
“ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން ފެށިތާ 15 އަހަރު ފުރިގެން ދިޔަ އިރުވެސް ހައްލު ހޯދުމަށް ގާނޫނަށް އިސްލާހު ގެނައުން ފިޔަވައި ސިޔާސީ ގޮތުން ކޮންމެ ސަރުކާރަށް ނިސްބަތްވާ އެކްޓިވިސްޓުންނަށް ޖާގަ ދިނުމަށް އޮންނަ ތަޅުމެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމު އޮތުމަކީ ހިތާމަވެރި ކަމެކެވެ.”
އެހެންކަމުން އެފަދަ ހައްސާސީ މައްސަލައެއްގައި ހައްލު ހޯދަން މަޖިލީހުން ދެކޭގޮތް ބަލަން ބޭނުންވާ ކަމަށް ގަރާރުގައި ބުންޏެވެ.