
ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދު ކުރުމަށް ޤާނޫނަށް ގެނައި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި އިސްލާހުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 2000 މީހުންނަށްވުރެ ކުޑަ އާބަދީއެއް އޮންނަ ކޮންމެ ރަށެއްގައި، ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ 3 ކައުންސިލަރުންކަމަށާއި އެއީ ކައުންސިލްގެ ރައީސް ހިމެނޭނެހެންކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި 2000 މީހުންނަށްވުރެ ބޮޑެތި އާބާދީއެއް އޮންނަ ކޮންމެ ރަށަކަށް އައްޔަން ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 5 ކައުންސިލަރުންކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރުން އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން ރަށު ކައުންސިލަށް އައްޔަންކުރެވޭ 3 ކައުންސިލަރުންގެ ތެރެއިން އެއް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށާއި 5 ކައުންސިލަރުން އިންތިޚާބު ކުރާ ކައުންސިލްތަކުގައި 2 ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ތިބެންވާނީ ކައުންސިލަރުންގެ ޢަދަދަށް ކަމަށާއި އެ ކޮމިޓީގެ ރައީސް އިންތިޚާބު ކުރާނީ ކައުންސިލް ރައީސް އިންތިޚާބު ކުރާ އުސޫލުން، ކޮމިޓީގެ ރައީސްގެ މަގާމަކީ ފުލްޓައިމް މަގާމެއް ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހަށް ވޯޓަށް އެހުމުން، މި އިސްލާހު ފާސްކުރުމަށް ވޯޓް ދީފައިވަނީ 55 މެންބަރުންނެވެ. އަދި ނުފެންނަކަމަށް ވޯޓްދީފައި ވަނީ 11 މެންބަރުންނެވެ.

