އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ތިނަދޫއިން ޖެނެރޭޓަރެއް އައްޑޫއަށް މިއަދު ގެންގޮސްފި އެވެ.
އައްޑޫގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކައިން ބުނީ އައްޑޫއަށް ގެންދިޔައީ 1.6 މެގަވޯޓުގެ ޖެނެރޭޓަރެއް ކަމަށާއި އެ ޖެނެރޭޓަރު ބެެހެއްޓުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ދޭތެރެ ދޭތެރެއިން ކަރަންޓުގެ މައްސަލަ ދިމާވަމުންދާ އައްޑޫގައި އެންމެ ފަހުން ޖެެނެރޭޓަރަަކަށް މައްސަލަ ދިމާވެ ކަރަންޓު ކެނޑުނީ މީގެ ދެ ދުވަސް ކުރިން ނެވެ.
ތިނަދޫއިން ޖެނެރޭޓަރެއް ގެންދިޔައިރު އެ ސިޓީއަށް ފޮނުވަން އަށް 1.8 މެގަވޯޓުގެ އިތުރު ދެ ޖެނެރޭޓަރު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.
އަދި މިހާރު މާލެއިން އައްޑޫއަށް އެ ދެ ޖެނެރޭޓަރު ފޮނުވަން މިހާރު ދަނީ ތައްޔާރުވަމުން ނެވެ.
އައްޑޫ ސިޓީއަށް ގެނެވުނު 1.6 މެގަވޮޓުގެ އައު ޖަނަރޭޓަރު އިންސްޓޯލުކުރުމުގެ މަސައްކަތް ފެށުން #teamfenaka pic.twitter.com/C26NvQuvc6
— Fenaka Corporation Ltd (@TeamFenaka) October 23, 2025
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭތީ އެ މައްސަލަ މަޖިލީހަށް ވެސް ހުށަހަޅާފައިވާ އިރު އައްޑޫގެ ރައްޔިތުން ވެސް ވެސް އެ މައްސަަލައިގައި މުޒާހަރާވެސްކޮށްފަ އެވެ.
ސަރުކާރުން އެ މައްސަލައިގައި ބުނީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ މާލިއްޔަތު ކޮމިޓީގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްތައް މި އަހަރު ފަށާނެ ކަމަށާއި އެކަން ބަޔަކާ ހަވާލު ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.