
އެސްއެމްއީ ޑިޖިޓަލުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށް، ކަނޑު އުޅަނދު ފަހަރަށް ޚާއްޞަ “ވެސަލް ފައިނޭންސިން” ގެ ނަމުގައި އައު ލޯނެއް ތަޢާރަފްކޮށްފިއެވެ.
އެސްއެމްއީ ޑިޖިޓަލުން ބުނީ، މި ފައިނޭންސިންގ ފަރުމާކޮށްފައި ވަނީ މުޅިން އަލަށް ފަށާ ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ވިޔަފާރިތަކާއި މިހާރު ހިންގަމުންދާ ވިޔަފާރިތައް، އިތުރަށް ފުޅާކުރުމަށް އުޅަނދުފަހަރު ބަނުން، ގަތުން، ނުވަތަ އިންޖީނު އެޅުމުގެ އިތުރުން މަރާމާތުގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މި ފައިނޭންސިންގ މެދުވެރިކޮށް މަސްވެރިކަމާއި، ޓޫރިޒަމް އަދި މުދާ އުފުލުމާއި، ލޮޖިސްޓިކްސް ފަދަ ދާއިރާތަކުގައި ބޭނުންކުރާ އުޅަނދުފަހަރާއި އެއާ ގުޅޭ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުނެއެވެ.
މީގެ އިތުރުން މި ފައިނޭންސިންގެ ދަށުން 5،000،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ ކަމަށާއި ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިނޭންސިންގ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލުން މަޢުލޫމާތުދެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި 18 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލުން ބުނެއެވެ.
މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލުން ބުނެއެވެ.

