“ކަމަނަ” ގެ ކާމިޔާބަށްފަހު ހުސެން މުނައްވަރު އެހާ އަވަހަށް އިތުރު ފިލްމެއް އުފައްދަފާނެކަމަކަށް އޭނާގެ ފިލްމުތައް ބަލާ ފަރާތްތަކަށް ގަބޫލެއް ނުކުރެވޭނެ އެވެ.
އޭނާގެ ކޮންމެ ފިލްމެއްގެ ދެމެދުގައި މި އަށްވުރެ ދިގު މުއްދަތެއް ހިނގާތީއެވެ. މިދިޔަ އަހަރުގެ އޯގަސްޓް 27 ގައި އޮލިމްޕަސް ސިނަމާގައި އެޅުވި “ކަމަނަ” އޮލިމްޕަހުން ނަގާފައިވަނީ މަހަކަށްވުރެ ގިނަ ދުވަހަށްފަހު އެވެ.
މާލޭގައި ދެން ހުރި ސިނަމާއާއި އޮލިމްޕަހުގައި ކުރިޔަށްގެންދިޔަ ދަންވަރުގެ ޝޯއާއި ހަފްތާ ބަންދުގެ ޝޯތަކާއި އަތޮޅުތެރޭ ރަށްތަކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ފިލްމުގެ ޝޯތައް ބޭއްވި އެވެ. ދުއިސައްތައަށްވުރެ ގިނަ ހައުސްފުލް ޝޯއަށްފަހު ފިލްމު އެވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން ޖާގަ ހޯދާފަ އެވެ.
ދެން އޮތީ ހަމަ އެ ފިލްމު އުފެއްދި ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ ހުށަހަޅައިދޭ “ކަނބުލޮ” އެވެ. މި މަހުގެ 5 ވަނަ ދުވަހު ޓިކެޓް ވިއްކަން ފެށި މި ފިލްމާމެދު ބެލުންތެރިން އުންމީދު ކުރާ މިންވަރު ފެނުނީ އޮލިމްޕަސް ބޭރުގައި ދަމާލި ކިއުއިންނެވެ.
ކަމަނަ ގެ ހުރިހާ ޝޯއެއް ހަސްފުލްވި ނަމަވެސް ކިއު ހަދާފައިވަނީ ފަހު ޝޯތަކަށެވެ. މި ކަމުންވެސް “ކަނބުލޮ” އަށް ބެލުން ތެރިން ކުރާ އުއްމީދު ފެނެ އެވެ.
އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު( ކޮޕީ އިއްސެ)، މަރިޔަމް އައްޒަ،އަހުމަދު ނިމާލް،ޝީލާ ނަޖީބު،އަހުމަދު އީސާ،ވާސިއާ މުހައްމަދު, އަދި މަރިޔަމް ޝަކީލާ އެވެ.
މުޖުތަމައުގައި ޖިންސީ އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާ ތަކުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު އެފަދަ ކަންކަން އެއްވެސް މިންވަރަކަށް ތަހައްމަލްނުކޮށް ރިޕޯޓްކުރުމަށް ފިލްމުގައި ހިތްވަރުދެ އެވެ.
ހުސެން މުނައްވަރު ޑައިރެކްޓްކުރާ ފިލްމުގެ ސްކްރީން ޕްލޭ ލިޔުނީ ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމުތަކާއި ޑްރާމާތަކުގެ ސްކްރީން ޕްލޭ ލިޔުނު މަހުދީ އަހުމަދެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.
އަނިޔާވެރިކަމާއި، ހިތާމަޔާއި، ހިތްދަތިކަމުގެތެރޭން އުންމީދާއި ލޯތްބާއި އުފާވެރިކަންވެސް ދައްކުވައިދޭ މި ފިލްމަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ޤައުމީ މުބާރާތުން އެންމެ މޮޅު ވާހަކައަކަށް ހޮވުނު “ޔުކްތާ” ވާހަކައިގެ އަސްލަކަށް ބަލައިގެން ތައްޔާރުކުރާ ފިލްމެކެވެ. މިއީވެސް ފިލްމާމެދު އުއްމީދު ބޮޑުވާ އެއް ސަބަބަށްވެ އެވެ.