ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އެމެރިކާގެ ހަވާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.
ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ގައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާ އެކު، އެ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.
ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކުރުމަށާއި އެކަމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށް އިންސާނީ ވަސީލަތް ބިނާކުރުމާއި އާ ޓެކްނޯލޮޖީތައް ތައާރަފުކޮށް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި މާލީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް، ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެ އެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ބްލޫ ޕްލެނެޓް އެލަޔަންސްގައި ރާއްޖެ ބައިވެރިވެ، އެ ފަރާތުން ބާއްވާ ފެލޯޝިޕް ޕްރޮގްރާމުގެ ޖަލްސާގައި ހާއްސަ މެހެމާނެއްގެ ގޮތުން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެއިތުރުން މި ޕްރޮގްރާމުގެ ހަވާސާގައި ކުރިއަށްގެންދާ ގިނަ ހަރަކާތްތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހަވާއީގެ ހޮނަލޫލޫގައި މި މަހުގެ 18 އިން 23 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިއީ މިފަދަ ގޮތަކަށް މި ޕްރޮގްރާމް ކުރިއަށް ގެންދާ ހަތަރު ވަނަ ފަހަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ ކަރަންޓަށް ބޭނުންވާ 33 އިންސައްތައަކީ އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ކަރަންޓު ކަމަށް ހެދުމަށް ގައުމީ އަމާޒެއް ކަނޑައަޅުއްވާފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ މަގުސަދު ހާސިލުކުރުމަށް މަގުޗާޓެއް އެކުލަވާލައި، މަގުޗާޓު ތަންފީޒު ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމުތަކާއި މަޝްރޫއުތައް މިހާރު ވެސް ހިންގަމުންދާ ކަމުގަ އެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 68 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްކޮށްފައިވާއިރު، މިފަދަ އިތުރު މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކުރި އެވެ.