ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކެޓްރީ ޖެނެރަލް މަރިޔަމް ޒީނިޔާ މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް މިއަދު ސަސްޕެންޑްކޮށްފި އެވެ.
ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގު “ދެން” އަށް ވިދާޅުވި ގޮތުގައި ސުލޫކީ މައްސަލައަކާ ގުޅިގެން ޖަވާބު ދާރީ ވުމުގެ ފުރުސަތުދީ، ތިން ދުވަހުގެ މުއްދަތަކަށް ޒީނިޔާ ސަސްޕެންޑްކުރީ މުސާރަ ލިބޭ ގޮތަށެވެ.
ޒީނިޔާގެ ސުލޫކީ މައްސަަލައެއްގެ ގޮތުގައި ބަލަމުންދަނީ ބްރޯޑްކޮމްގެ ނިންމުންތަކަށް އިހުތިރާމް ނުކުރުމުގެ މައްސަލައާއި މުވައްޒަފެއްގެ ހައްގަށް އިހުމާލުވުމުގެ މައްސަލަ ކަމަށް ވެސް ސަފާ ވިދާޅުވި އެވެ.
ޒީނިޔާ ސަސްޕެންޑްކުރި އިރު ބްރޯޑްކޮމްގެ މަސައްކަތްތަކަށް ދަތިކުރާކަމަށް ބުނެ މިިދިޔަ އާދިއްތަ ދުވަހު އޮތީ އެ ކޮމިޝަންގެ މުވައްޒަފުންތަކެއް މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
އެހެން ނަމަވެސް ސަފާ ވިދާޅުވީ އެ ޕެޓިޝަނާ ޒީނިޔާ ސަސްޕެންޑްކުރުމާ ގުޅުމެއް ނެތް ކަމަށެވެ.
ބްރޯޑްކޮމްގެ މުވައްޒަފުން ހުށަހެޅި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މާލިއްޔަތު ގަވައިދާ ހިލާފަށް އަމަލުކުރަން މުވައްޒަފުންނަށް މަޖުބޫރު ކުރުވުމާއި އޯވާޓައިމް ދެވެން ނެތް އިރުވެސް މަސައްކަތްތައް ކުރުވުމާއި މުވައްޒަފަކަށް ކުޑައިމީސްކޮށް މަލަމާތްކުރުން ހިމެނެ އެވެ.
އޭގެ އިތުުރުން އިޖުރާތްތައް ފުރިހަމަ ނުކޮށް ވަކި މުވައްޒަފަކު ވަކިކުރަން އެޗްއާރު ޕެނަލްއަށް އަންގާކަން ވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.
އަދި ބްރޯޑްކާސްޓިން ކޮމިޝަންގައި ތިއްބަވާ ބޭފުޅުން މުވައްޒަފުން މެދުވެރިކޮށް އިދާރީ ވެރިންނަށް ފާރަލުން ހުއްޓާލުމަށާއި ޒާތިވެ ނަފްސާނީ ގޮތުން ކުރާ ގޯނާ ހުއްޓާލަން ވެސް މުވައްޒަފުން އެދޭކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ.