މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން މިއަދު “ދެން” އަށް ބުނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައި އޮތް ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.
މިއަދާއި މިރޭ އަދި މާދަމާ ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށާއި މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ ހުކުރު ދުވަހު ފަހުން ކަމުގައި އެ އޮފީހުން ފާހަގަކުރި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވަމުން ދާތީ ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެގޮތުން މިވަގުތު ފެން ހިންދުމަށް ޓަކައި ތިން ސަރަހައްދެއްގައި ހަތް ޕަމްޕު ބަހައްޓައިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެއީ އައިޖީއެމްއެޗް، ވެސްޓް ޕާކް އަދި މާފަންނު ފެރީ ޓާމިނަލް ސަރަހައްދުގަ އެވެ.
އަދާހަމަ#:
މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ސަރަޙައްދުތަކަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފި pic.twitter.com/4WlKndqxxf— Maldives National Defence Force (@MNDF_Official) April 9, 2025
އެމްއެންޑީއެފުން ބުނި ގޮތުގައި ފެންހިންދުމުގެ މަސައްކަތުގެ އިތުރުން ވެލި ބަސްތާ ޖެހުމުގައި އެ ހިދުމަތުން ހަރަކާތްތެރިވަމުންދާ ކަމުގަ އެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން މަގުތަކުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މޫސުން ގޯސްވެފައިވާއިރު، ބޭރުގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަން މާލެ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ހައިވޭ އަދި ބްރިޖް، ލިންކްރޯޑުގައި ދުއްވާއިރު އެލާޓްތަކަށް ސަމާލުވުމަށާއި ފެންބޮޑުވެގެން އުޅޭއިރު ވެހިކަލް ދުއްވާ ނަމަ އެހެން ފަރާތްތަކާ މެދު ވިސްނައިގެން ދުއްވުމަށް ވަނީ އެދިފަ އެވެ. ވައިގަދަވާ ނަމަ ކުޑަ ބޭނުންނުކުރުމަށާއި ވަޔާ ވިއްސައިގެން ދާނެ ފަދަ ތަކެއްޗަށް ސަމާލުވުމަށާއި ފަޅުގައި އަޅާފައިވާ އުޅަނދުފަހަރު ރައްކާތެރިކޮށް ބަނދެފައި ބެހެއްޓުމަށާ އަދި ކަނޑު ދަތުރުފަތުރު ނުކުރާން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ވެލިބަސްތާތައް ޖެހުމުގެ ތައްޔާރީތައް ކުރިއަށްދަނީ
#FloodResponse #DisasterManagement pic.twitter.com/U31dL2ACYg— Malé City Council (@MaleCitymv) April 9, 2025
މެޓް އޮފީހުން ވަނީ މެންދުރުފަހު 2 އާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ޔެލޯ އެލާޓް ނެރުނުއިރު، ކ. އަތޮޅުން ގދ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެންދުރުފަހު 3:30 އާ ހަމައަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.