
ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު، ދަރުމެންދްރަ އުމުރުން 89 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.
އޭނާ ދިރިއުޅޭ ގޭގައި މަރުވެފައި ވަނީ ހާލު ދެރަވެގެންނެވެ. މުސްކުޅި ބަލީގައި ހާލު ދެރަވެގެން މިމަހުގެ 10 ވަނަ ދުވަހު ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނެވެ. އެފަހަރު އޭނާ މަރުވެއްޖެ ކަމަށް މީޑިއާގައި ދޮގު ހަބަރު ފެތުރިފައި ވަނިކޮށް، ސްޓޭބަލް ވުމުން ވަނީ ގެއަށް ދޫކޮށްލާފަ އެވެ.
1960 ވަނަ އަހަރު ބޮލީވުޑަށް ނުކުތް ދަރްމެންދްރަ ވަނީ އެތައް ބްލޮކްބާސްޓާ ފިލްމުތަކެއް ކުޅެފަ އެވެ. އޭނާގެ ބައެއް ރޯލުތައް މިހާރު ވެސް ވަރަށް އައިކޮނިކް އެވެ. އޭގެ ތެރޭގައި މަޝްހޫރު “ޝޯލޭ” ފިލުމުގައި ކުޅުނު “ވީރޫ” ގެ ރޯލު ފާހަގަކުރެވެ އެވެ. އެ ރޯލުން މިހާރު ވެސް އެކުވެރި ކަމުގެ މިސާލު ނަގަ އެވެ.
ދަރްމެންދްރަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި “ތޭރީ ބާތޯމޭ އޭސާ އުލްޖާ ޖިއާ” ފިލްމުންނެވެ. އަންނަ އަހަރު ރިލޯޒް ކުރާ “އިއްކިސް” ގެ ރޯލެއް ވެސް އޭނާ ވަނީ ކުޅެފަ އެވެ.
އޭނާގެ ދިގު ކެރިއަރުގައި ދަރްމެންދްރަ ވަނީ 300 އަށްވުރެ ގިނަ ފިލްމު ކުޅެފަ އެވެ.

