
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެޕް މެދުވެރިކޮށް ޑޮލަރު ހޯދުމަށް އެދި ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން މިއަދު ބުނީ ޑޮލަރު ހޯދުމަށް އެދި މިއަދުން ފެށިގެން މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ހުށަހެޅޭނެ ކަމަށެވެ. އަދި ޑޮލަރު ގަތުމަށް އެދި ހުށަހަޅާއިރު ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅައި، އެޕްލިކޭޝަންގެ ސްޓޭޓަސްވެސް އެޕްއިން ބަލައިލެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
އެހެންކަމުން ބީއެމްއެލް އެޕްގެ ޑޭޝްބޯޑަށް ދިއުމަށްފަހު ‘މެޑިކަލް ޑޮލާ ރިކުއެސްޓް’ ބަޔަށް ގޮސްގެން ޑޮލަރަށް އެދި ހުށަހެޅޭނެއެވެ.
އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 2000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކައެވެ. އަދި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ބޭރަށް ދަތުރުކުރާ ފަރާތްތަކަށް 1000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކައެވެ.
ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ޖަމާކޮށްދޭނީ އެމީހެއް ނަމުގައި އޮންނަ ބީއެމްއެލް އެކައުންޓަށެވެ.

