
ފްރާންސުން އުފައްދާފައިވާ “ބޭބީބަޔޯ” މަރުކާގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން ވިހަގަދަ މާއްދާއެއް ފެނިފައިތީ، އެ ބްރޭންޑު ވިއްކުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބްރޭންޑްގެ ފޯމިއުލާގެ ބައެއް ބެޗުތަކުން ‘ސެރެއުލައިޑް’ ނަމަކަށް ކިޔާ މާއްދާއެއް ފެނިފައިވާ ކަމަށެވެ. އެ މާއްދާއަކީ ‘ބެސިލަސް ސިރިއަސް’ ނަމަކަށް ކިޔާ ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ.
އެ މާއްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެއްވިއްޖެނަމަ، މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މި ވިހަ ފެނިފައި ވަނީ ‘ބޭބީބަޔޯ އޮޕްޓިމާ 1’ ގެ 400 ގްރާމްގެ 900932 ބެޗާއި 800 ގްރާމްގެ 894408 ބެޗުންނެވެ. އަދި ‘ބޭބީބަޔޯ ކެޕްރިއާ 1’ ގެ 800 ގްރާމްގެ 900035 ބެޗާއި 899014 ބެޗުން ވެސް މި ވިހަ ވަނީ ފެނިފައެވެ.
އެހެންކަމުން މި އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި ބިއްކުން އަދި ބޭނުންކުރުން އެމްއެފްޑީއޭއިން ވަނީ މަނާކޮށްފައެވެ.

