ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުން، އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހި ވަންތަކަން ހިފެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
މެލޭޝިއާއަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވައި މިއަދު ވިދާޅުވީ އެހެން ގައުމުތަކުގައި ވަޒަންވެރިވެ ދިރިއުޅޭއިރު، ދީނުގެ ހަމަތައް ދޫކޮށްލެވިގެންދާ ކަމަށެވެ.
އެހެން ނަމަވެސް ދީނުގައި އޮންނަ ހުދޫދުތަކުން ބޭރުވާ ނަމަ ލިބޭނެ އެއްވެސް އުފަލެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެެެވެ.
އެހެންވެ އިސްލާމްދީނުގެ އުސޫލުތަކަށް އަމަލުކޮށް، ފަހުރުވެރި ދިވެހިންގެގޮތުގައި އަދި ދިވެހިވަންތަކަމުގައި ދިވެހި ޒުވާނުން ދެމިތިބުމަށް ރައީސް މުއިއްޒު މިއަދު އިލްތިމާސްކުރެއްވި އެވެ.
ރައީސްގެ ވާހަަކަފުޅުގައި ދަރިވަރުންގެ ތައުލީމީ ކުރިއެރުމަށް ހިތްވަރު ދެއްވައި، އަމިއްލަ ނަފްސާއި، އާއިލާއާއި، ގައުމަށް ރީތި ނަން ހޯދައިދިނުމަށް ވެސް ބާރު އެޅުއްވި އެވެ.
އަދި، ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި އާއިލާތަކުން، ދިވެހިންގެ އެއްބައިވަންތަކަމުގެ އުސޫލުތައް ނަގަހައްޓައި، އެކުވެރިކަން އާލާކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
މިއަދުގެ ހަފުލާގައި، ރައީސް ވަނީ މެލޭޝިއާގެ “މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން” ވެސް އިފްތިތާހުކޮށްދެއްވާފަ އެވެ.
އަދި، ދިވެހި ދަރިވަރުންނަށް ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން އެ އެސޯސިއޭޝަންއަށް ކޮންމެ އަހަރަކުވެސް 3،000 އެމެރިކާ ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ޖަމާކުރެއްވުމަށް ނިންމަވާފައިވާކަން ރައީސް މިއަދު އިއުލާންކުރެއްވި އެވެ.
އޭގެ އިތުރުން ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ހިދުމަތް އިތުރަށް ފުޅާކޮށް، ފުރިހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.