
“ބޭން އޮން ޓޮބޭކޯ”އަކީ މުޖުތަމަޢުގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި އެކަމަނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ މުޖުތަމަޢު ނުރަނގަޅު އާދަތަކުން ސަލާމަތްކުރުމަށް ނިންމެވި ހިތްވަރުގަދަ ނިންމެވުމެއްކަމަށާއި ކުރިމަގަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށެވެ. ހަމައެހެންމެ މިއީ ތާރީޚީ ނިންމެވުމެއްކަމަށާއި ބޮޑެތި ބަލިތަކަށް ހުށަހެޅުމުގެ މަގުތައް ކުޑަކޮށް، ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ މުހިންމު ފެށުމެއްކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިއީ ވަރުގަދަ ނިންމެވުމެއްކަމަށާއި ދިރާސާތަކާއި ތަފާސް ހިސާބުތަކުގެ އަލީގައި މިކަން ކުރެވިގެން ގޮސްފިނަމަ މީގެ ނަތީޖާ ވަރަށް ރަނގަޅުވެގެން ދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިއީ މުޅި ރާއްޖެ އެކަމަށް ފަޚްރުވެރިވާ ދުވަހެއްކަމަށާއި ދުޅަހެޔޮ ޞިއްޙަތަކަށް ވަކާލާތުކުރާ މީހެއްގެ ޙައިސިއްޔަތުން ސަރުކާރުގެ ނިންމެވުމަށް މަރުޙަބާ ކިޔާކަމަށް އެކަމަނާގެ ޕޯސްޓުގައިވެއެވެ.
ސަރުކާރުން އިސްނަންގަވައިގެން “ޖެނަރޭޝަނަލް ބޭން އޮން ޓޮބޭކޯ” ފާހަގަކުރުމަށް 24 ގަޑިއިރުގެ ޓޯޗް ރަންއެއް އިއްޔެއިން ފެށިގެން ދަނީ ކުރިއަށް ގެންދަމުންނެވެ.

