މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ދިރިއުޅެމުންދާ ބުޅާތައް ބެލެހެއްޓުމަށް ގާއިމުކުރި ބުޅާ ފެސިލިޓީ ނުވަތަ އޮޅުހިޔާގައި ބަލަހައްޓާ ބުޅާތަކުން ބުޅަލަކަށް ދުވާލަކު 368 ރުފިޔާ ހަރަދުވާނެ ކަމަށާއި ތަނުގައި 2،000 ބުޅާ ބަލަހައްޓާ ނަމަ އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
އެނިމަލް ވެލްފެއާ މިނިސްޓަރު އެހެން ވިދާޅުވެފައި ވަނީ މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ދިރިއުޅެމުންދާ ބުޅާތައް ބެލެހެއްޓުމަށް ގާއިމުކުރި ބުޅާ ފެސިލިޓީ ނުވަތަ އޮޅުހިޔާއަށް ބުޅާތައް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.
ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން އިތުރު ސުވާލަށް ހުޅުވާލި ފުރުސަތުގައި ކުޑޫ ވަނީ ބުޅާ ފެސިލިޓީއަށް ދުވާލަކު ކިހާވަރެއް ހޭދަވޭތޯ އާއި ފުލް އޮކިއުޕެންސީގައި ތަން ހިންގާއިރު ދުވާލަކަށް ހޭދަވާނެ އަދަދާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ.
ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ އެ ފެސިލިޓީއަށް ނޮން ރިކަރަންޓު ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި ފެސިލިޓީގައި 2،000 ބުޅަލަށް މަހަކު 7 ލައްކަ ހޭދަވާނެ ކަމަށާއި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
“އަހަރަކު 10.8 މިލިއަން މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ،” މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބުޅާ ފެސިލިޓީ އާ އެ މިނިސްޓްރީން ހަވާލުވީ މާލެ ސިޓީ ކައުންސިލުން އެ ތަނަށް ބުޅާތައް ގެންދިއުމުގެ މަސައްކަތް ކުރަމުން ނުދާތީ ކަމުގަ އެވެ. ހަވާލުވިިއިރު ތަނުގެ ހާލަތު ހުރީ ބުޅާތައް ގެންދެވޭނެ ގޮތަކަށް ނޫން ކަމަށާއި ހަވާލުވެ 16 ގަޑިިއިރުގެ ތެރޭ ބުޅާތައް ގެންދަން ފެށުނުކަން ފާހަގަކުރެއްވި އެވެ.
ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލާ އެކު މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއިކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިިިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ކުރިން ފެސިލިޓީ ގާއިމުކުރަން އެއްބަސްވި ނަމަވެސް އެ މުއްދަތަށް އެކަން ނުކުރެވުމުން މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށް އެއްބަސްވުމަށް ބަދަލު ގެނެވުނު ކަމުގަ އެވެ.
މާރިޔާ ވިދާޅުވީ އެ މުއްދަތަށް ވެސް ތަން ނުނިމޭތީ މަސައްކަތް އަވަސް ކުރުމަށް ތަކުރާރުކޮށް ކައުންސިލުގައި އެދުނު ކަމަށެވެ. ބުޅާ ފެސިލިޓީ ހުޅުވުމުގެ ކުރިން ތަނަށް ބޭނުންވާ ތަކެތި ލިބޭނެ ކަމަށް ބުނި ނަމަވެސް ތަން ހުޅުވުނުއިރު އެކަން ވެސް ވެފައި ނުވާ ކަމަށެވެ.
ފެސިލިޓީގެ ކަންކަން ފުރިހަމަ ކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް ކަންކަން ފުރިހަމަ ނުކުރާތީވެ، އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް އެ ތަން ގެނައީ ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.