
ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 70ޕަސެންޓް އިތުރަށް ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ރާއްޖެ މިއަދު”ޕްރޮގްރާމްގައި ވާހަކަދައްކަމުން ޝަރީފު ވިދާޅުވީ 2025ވަނަ އަހަރު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 565މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ.
ކާޑު ލިމިޓްތަކަށް ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުން ބޭނުންވާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އެހީތެރިވުމުގައި ބޭންކުން އޮތް މިންވަރު ހާމަކޮށްދެނީ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުނެވެ. މިދިޔަ އަހަރު ބީއެމްއެލް ކާޑުތަކުން އޭޓީއެމް، ޕީއޯއެސް އަދި އީކޮމާސް ހިމެނޭހެން ރާއްޖެއިން ބޭރުންކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 524މިލިއަން ޑޮލަރަށް އަރައެވެ. މިއީ އޭގެ ކުރީއަހަރާ އަޅާބަލާއިރު 200މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ.
ކުރިން ވިޔަފާރިތަކަށް ބޭނުންވާ ޓީޓީއަށް ދޫކުރެވެނީ %5ނަމަވެސް، މިދިޔަ އަހަރު ތެރޭ ބެންކުން ވަނީ ވިޔަފާރިތަކުން ހަދާ ޓީޓީއަށް ޑޮލަރު ދޭ މިންވަރު %50އާ ހަމަޔަށް އިތުރުކޮށްދީފައެވެ.
މި ހެޔޮ ބަދަލުތަކާއެކު ބޭންކަށް ވެސް ވިޔަފާރިތަކަށްވެސް އަދި އާންމު ފަރުދުންނަށްވެސް އޭގެ މަންފާ ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

