ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ އިމާރާތެއް ހުސްނުކުރެވި އެ ބިން ކޮންޓްކްޓަރާއި ހަވާލުނުކުރެވި ލަސްވަމުންދާތީ އެ މަޝްރޫއަށް ބަދަލު ގެންނަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ވިދާޅުވީ އެގޮތަށް އެންގީ އެ ބިން ކޮންޓްކްޓަރާއި ހަވާލުނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ ކަމަށެވެ.
އެހެންވެ އެ އިމާރާތް ހިމެނޭ ސަރަހައްދުގެ މަގުގެ ބައި ޕްރޮޖެކްޓުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ހުސްނުކުރެވި އެ ބިން ކޮންޓްކްޓަރާއި ޙަވާލުނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، އޭގެ ސަބަބުން ކޮންޓްރެކްޓަރަށް…
— Abdulla Muththalib (@muththo) April 7, 2025
“މި އިމާރާތަކީ އަދި އިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަރނޭނަލް އެއާޕޯޓް ކޮންޕެނީގެ މިލްކެކެވެ. އެހެން ނަމަވެސް ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެން ވެސް އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީން އެބިން ކޮންޓްރެކްޓަރާވަނީ ހަވާލު ނުކުރެވިއެވެ.” މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަ ކަމަށެވެ. އަދި މި މަހު 17 ގެ ކުރިން މި ކަމަށް ހައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ބިން ހުސްނުކުރެވި މި ޕްރޮޖެކްޓް އިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
“އުއްމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އެ އިމާރާތް ހުސްކުރެވި ކޮންޓްރެކްޓަރާ ވީހާވެސް އަވަހަކަށް ހަވާލުކުރެވޭ ގޮތްވުމެވެ.” އޭނާ ވިދާޅުވި އެވެ.