
ޖަޕާނުގެ އިރުއުތުރުގެ ސަރަޙައްދަށް މިއަދު ހެނދުނު 6،7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް ސްނާމީގެ އިންޒާރު ނެރެފިއެވެ.
ބޭރުގެ ޚަބަރުތައް ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ 20 ކިލޯމީޓަރު އަޑިންނެވެ. އަދި މި ބިންހެލުމުގެ ފަހުން 4.3 މެގްނިޓިއުޑްއާއި 5.2 މެގްނިޓިއުޑްއާ ދެމެދުގެ އެތަކެއް ބިންހެލުމެއް އައިސްފައިވާ ކަމަށް ޖަޕާނުގެ މީޓިއޮރޮޖިކަލް ސެންޓަރާ ހަވާލާދީ މީޑިއާތައް ބުނެފައި ވެއެވެ.
ބިންހެލުމަށް ފަހު ނެރުނު ސްނާމީގެ އިންޒާރާ ގުޅިގެން 6000އެއްހައި މީހުން މިހާރު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރެވިފައެވެ.
މިދިޔަ ހޯމަ ދުވަހު ވެސް ޖަޕާނަށް ވަނީ 7.5 މެގްނިޓިއުޑްގެ ބާރު ބިންހެލުމެއް އައިސްފައެވެ. އެ ބިންހެލުމުގައި 50މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައި ވެއެވެ. މި ބިންހެލުމަށް ފަހު ބޮޑު ބިންހެލުމެއް އަތުވެދާނެކަމުގެ އިންޒާރު ޖަޕާނުގެ މީޓިއޮރޮލޮޖިކަލް ސެންޓަރުން ކުރިން ވެސް ވަނީ ދީފައެވެ.
ޖަޕާން އުފެދިފައި އޮންނަ ތަނުގެ ގޮތުން އެ ގައުމަކީ ބިންހެލުން ގިނަ ގައުމެކެވެ. އަހަރަކު 1500އެއްހައި ބިންހެލުން އެ ގައުމުން ކޮންމެ އަހަރަކު ވެސް ތަޖުރިބާކުރެއެވެ. މީގެ ތެރެއިން ބޮޑު އަދަދަކީ ގެއްލުން ކުޑަ ބިންހެލުންތަކެއް ނަމަވެސް 2011ވަނަ އަހަރު އެ ގައުމަށް ވަނީ 9 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް 18000 މީހުން މަރުވެފައެވެ.

