މިއަންމާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ތައިލެންޑަށް ލިބުނު ގެއްލުންތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާވެގެން ރިޕޯޓުކޮށްފައި ނުވާ ކަމަށް އެ ގައުމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި މިއަންމާއަށް އެކުއެކީގައި ދެ ބިންހެލުމެއް އައިސްފަ އެވެ. ފުރަތަމަ އައީ 7.7 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެއަށް ފަހު 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް ހަމަ އެ ސަރަހައްދަށް އައި ކަމަށެވެ.
މި ބިންހެލުންތައް އައިސްފައި ވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 11:32 ހާއިރު އެވެ.
ބިންހެލުންތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު އެއް ސަރަަހައްދަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.
ފުއާދު ތައުފީގު މިއަދު “ދެން” އަށް ވިދާޅުވީ ބިންހެލުމުގައި ގިނަ އަދަދެއްގެ ދިވެހިން އުޅެމުން އަންނަ އިމާރާތްތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެގޮތުން އިމާރާތްތަކަށް ނުވަދެވޭ ވަރަށް ގެއްލުންވުމުގެ އިތުރުން ބައެއް އިމާރާތްތަކުގެ ފާރުތަކުގައި ރެނދުއެޅުން ފަދަ ގެއްލުންތައް ވެފައިވާ ކަމަށެވެ.
އެހެންނަމަވެސް މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ދިވެހި އެމްބަސީއަށް ލިބިފައިނުވާ ކަމަށެވެ.
“އަޅުގަނޑުމެން ވަކިވަކިން ވެސް އެކި ބޭފުޅުންނާ ގުޅަމުން މި ގެންދަނީ ވެސް. އެއްވެސް ބޭފުޅެއްގެ ފަރާތަކުން އެއްވެސް އަނިޔާއެއް، ހާނިއްކައެއް ލިބުނު ހަބަރެއް އަޅުގަނޑުމެންނަށް ރިޕޯޓުކޮށްފައެއް ނުވޭ. ހުރިހާ އެންމެން ވެސް ގަދަވެ ސަލާމަތުން އެބަތިބި،” ފުއާދު ވިދާޅުވި އެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނީ މާލެ އާ 3،121 ކިލޯމީޓަރު ދުރުން އައި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަ ކަމަށެވެ.