![]()
ލޯކަލް މާރުކޭޓް ސަރަޙައްދުން ފަށައިގެން، ނޯތް ހާބަރަށް ހިމެނޭ ސަރަހައްދުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފެށުމަށް ތައްޔާރުވެފައިވާކަމަށާއި މި ސަރަހައްދުގެ މަގު ތަރައްގީކުރަނީ 4 ލޭނަކަށް ކަމަށެވެ. އަދި މި މަސައްކަތް ރޯދައިގެ ކުރިން ނިންމައި މަގު ހުޅުވާލުމަށް އަމާޒު ކަނޑައަޅައިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މަގުހެދުމުގެ ފުރަތަމަ ފިޔަހީގެ ސެގްމަންޓް 1ގެ މަސައްކަތް ނިންމާ އިއްޔެ ހަވީރު ވަނީ އާއްމު ދަތުރުފަތުރުތަކަށް ހުޅުވާލާފައެވެ. ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ތަރައްގީކުރުމުގެ މަސައްކަތް ފުރަތަމަ ފިޔަވަހީގައި ހިމެނޭއިރު، އެ ފިޔަވަހީގެ ފުރަތަމަ ސެގްމަންޓްގައި 140 މީޓަރުގެ ސަރަހައްދުގައި ތާރު އަޅާ ވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. މިއީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފެށި މަސައްކަތެކެވެ.
