ރޭ ހުޅުމާލޭގައި ފުލުހުންގެ އަމުރަށް ވެސް ނުކިޔަމަންތެރިވެ ބާރަށް ދުއްވާފައި ދިޔަ ކާރެއް ފަހައި ދުވި ޕޮލިސް ސައިކަލެއްގައި ޖެއްސި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ދޫކޮށްލައިފިއެވެ
މި މައްސަލާގައި ހައްޔަރު ކުރީ މާލެ، ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން (18އ) އެވެ. އޭނާއަ އެކު އަންހެނަކު ވެސް ހައްޔަރުކުރި އެވެ. އެކަަކު އެ މީހާ ވަނީ ކޯޓަށް ހާޒިރު ވެސް ނުކޮށް މިއަދު ހެނދުނު ދޫކޮށްލާފަ އެވެ.
ހައިޝަމް ދޫކޮށްލީ ކޯޓުން އެގޮތަށް އަމުރުކުރުމުން މިރޭގެ އެވެ.
މި ހާދިސާ ހިނގީ ހުޅުމާލޭގައެވެ. މި ހާދިސާގައި ހައިޝަމް ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު މަޑުކުރުމަށް ފުލުހުން ބުނުމުން ވެސް މަޑުނުކުރެއެވެ. އަދި ބާރު ސްޕީޑުގައި ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގައި ދުއްވަމުން ދިއުމުން ޕޮލިސް ސައިކަލެއް ފަހައި ދުއްވި އެވެ.
އެ ކާރު ގޮސް ޕޮލިސް ސައިކަލުގައި ޖައްސައި ވައްޓާލި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އަނިޔާވި ފުލުސް އޮފިސަރަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަަމަށެވެ.
އަދި އިތުރު ފަރުވާދިނުމަށް ސްޕެޝަލިސްޓަކަށް ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.