
ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި، އެ ފައިސާއަށް އަމިން އެވެނިއުގެ 2 ޕެންޓްހައުސް ގަނެފައިވާ މައްސަލަ ސާބިތުވެފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލޯލް އިތުރު 23 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ދައުވާކޮށްފިއެވެ.
މި މައްސަލައިގައި ބައްސާމްގެ މައްޗަށް ކުރަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވާކަމަށް މިދިޔަ އާދީއްތަ ދުވަހު ވަނީ ކަނޑައަޅާފައެވެ.
ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި، ހިޔާނާތުގެ ދައުވާއަށް ކަނޑައަޅާފައި ވަނީ 8 އަހަރުގެ ޖަލު ހުކުމެކެވެ. އަދި މަނީ ލޯންޑައިންގެ ދައުވާއަށް 15 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
އޭގެއިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު، 6 މަސް ދުވަހުން ދެއްކުމަށާއި މަނީ ލޯންޑާކުރި 44.4 މިލިއަން ރުފިޔާ ދެއްކުމަށްވެސް ބައްސާމްގެ މައްޗަށް އަމުރުކޮށްފައިވެއެވެ.
މި 2 ދައުވާއާ ގުޅިގެން ޖުމްލަ 23 އަހަރު ދުވަހުގެ ޖަލު ހުކުމެއް ބައްސާމް ތަންފީޒުކުރަން ޖެހޭނެއެވެ. މީގެ ކުރިން އިތުރު ދައުވާތަކެއް ސާބިތުވެ، އޭނާ މިހާރުވެސް ދަނީ 9 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެހެންކަމުން ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ބައްސާމް ތަންފީޒު ކުރަން ޖެހޭނެއެވެ.

