މޯލްޑިވްސް އިމިގްރޭޝަނުގެ ބަންދަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިއެއްގެ އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއްގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ބާތިލުކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނަގާކަމުގެ ތުހުމަތުގައި ޝަމްއާން އިމިގްރޭޝަނުގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރު ކުރުމަށް ފަހު އޭނާ ހައްޔަރުކުރީ ހުކުރު ދުވަހުގެ ރެ އެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ޝަމްއާން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
އޭނާ ބަންދުކުރަން ނެރުނު އަމުރު ޝަމްއާންގެ ފަރާތުން އިސްތިއުނާފުކުރީ އިއްޔެ އެވެ. ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން އެ މައްސަލަ ބަލައިނުގަތުމަށް އިއްޔެ އެ ކޯޓުން ވަނީ ނިންމާފަ އެވެ.
މައްސަލަ ކޯޓަށް ބަލައިނުގަންނަން ނިންމި ނިންމުމުގައި ހައި ކޯޓުގެ ރަޖިސްޓްރާ ފާހަގަކުރީ މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ނުވަތަ ރިއާޔަތްކުރަން ޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް ނުވަތަ އިސްތިއުނާފުކުރާ ފަރާތުގެ ހައްގުތައް ގެއްލި އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލައެއް ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ގާނޫނު ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވޭނެ ކަމަށެވެ.
އެފަދައިން ކަންކަން ހުރި ކަމަށް ބުނާ ނަމަ، އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބަޔާންކޮށްދޭން ޖެހޭއިރު، އިސްތިއުނާފުކުރަން ހުށަހެޅި މައްސަލައިގައި އެ ކަންކަން ސާފުކޮށްދީފައި ނުވާ ކަމަށެވެ.
އަދި ދަށު ކޯޓުގެ ފަނޑިޔާރަށް ބަންދުގެ އަމުރު ނެރުމަށް ލިބިފައިވާ އިހުތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަންނަން ޖެހޭ ހާލަތެއް ޝަމްއާނުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ބަޔާންކޮށްދެވިފައި ނުވާ ކަމަށް ވެސް ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
މައްސަލަ އާ ގުޅޭގޮތުން މީގެކުރިން ފުލުހުން ބުނެފައި ވަނީ ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަނުގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.
އެހެން ފުލުހުން ބުނެފައިވާ ސަބަބަކީ، ރެއިޑްކުރި އިމިގްރޭޝަނުގެ އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކަކަށް ވާތީ އެވެ.
އެ ރެއިޑުގައި އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000 ރުފިޔާ ދިނުމުން ދޫކޮށްލީ ޝަމްއާނުގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާ އާ ބައްދަލުކޮށް އެ ފައިސާ ޝަމްއާނުގެ ގެއަށް ގެންދިޔަ ކަމަށް ވެސް ތުހުމަތުކުރެ އެވެ.
މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ ޝަމްއާނު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފަ އެވެ. އެ ގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ގެންދިޔަ ފައިސާގެ ތަފުސީލެއް ފުލުހުން އަދި މިހާތަނަށް ހިއްސާއެެއް ނުކުރެ އެވެ.
މައްސަލަ އާ ގުޅިގެން ޝަމްއާނު ހިމެނޭހެން ފަސް މީހަކު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފަ އެވެ. އެ އޮފިސަރުންނަކީ އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯގައި މަސައްކަތް ކުރާ އޮފިސަރުންކަން ވަނީ އެނގިފަ އެވެ.
އެ މައްސަލައިގައި ޝަމްއާނުގެ އަނބިކަނބަލުން ހިދްފާ ފާއިޒުގެ ފޯނު ފުލުހުން ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފައިވެ އެވެ.