
ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބު ކުރުމާ ގުޅިގެން އެ ޕާޓީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
މުޒާހަރާތަކާ ގުޅިގެން ބަނގުލަދޭޝްގައި ވެރިކަން ކުރަމުން އައި ޝައިހު ހަސީނާގެ ވެރިކަން ވައްޓާލީ މިދިޔަ އޮގަސްޓު މަހު އެވެ. އަދި އޭގެ ފަހުން ބޭއްވި އިންތިހާބު ބީއެންޕީއިން ކާމިޔުާބުކުރި އިރު އެ ޕާޓީން ވަނީ ޕާލަމަންޓްގެ ތިން ބައިކުޅަ ދެބައި ގޮނޑި ނަގައިފަ އެވެ.
އެ ކާމިޔާބީއާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ބީއެންޕީއިން އިންތިހާބުގައި ހޯދި ކާމިޔާބީ ފާހަގަކުރައްވައި، އެ ޕާޓީގެ ލީޑަރު ތާރިގު ރަހްމާންއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކޮށް، ކުރިއެރުވުމަށްޓަކައި ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި، ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ފުޅާވެ، ވަރުގަދަވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބީއެންޕީއިން އިންތިހާބު ކާމިޔާބުކުރުމާއެކު ބަނގުލަދޭޝަންގެ ބޮޑުވަޒީރުކަމަށް އައުން ގާތީ ތޯރިގު ރަހުމާންކަމަށް ވަނީ ބެލެވިފަ އެވެ. ތޯރިގުއަކީ ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިކަލުން ނެވެ.

